ކުމުންދޫ ސްކޫލް

އެކުލަވާލީ: މުޙައްމަދު އާދަމް ، ޕްރިންސިޕަލް

 

ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫގައި ވެރިކަމުގެ ފަރާތުން އެންމެ ފުރަތަމަ ތަޢުލީމު ދޭން ފެށުނީ އެޒަމާނުގައި ކުމުންދޫގައި ހުރި ފަޅުގެއެއްކަމުގައިވާ ދޮންމޫސަގޭގައެވެ. ދޮންމޫސަގެ ހުރީ މިހާރު ހަނދުވަރީމަންޒިލް ހުރިތަނުގައެވެ. އެއީ ހިޖުރައިން 21 ރަބީޢުލްއާޚިރު 1367 މީލާދީން 02 މާޗް 1948 ގައެވެ. މިއީ ކުމުންދޫ ސްކޫލުގެ ފެށުމެވެ. ދުވަސް ކޮޅެއްގެ ފަހުން ކާޑުގެ އިރުމަތީގައިވާ ބިމެއްގައި (މިހާރު ސަވޭރާ ހުރިތަނުގައި) ރައްޔިތުން ކަށިކެޔޮމުޑި ޖަހައި، ކަށިކެޔޮ ހޮޅުން ނިލަކީހައިގެން، ބަނބުކެޔޮ ފިލައިން ދިގުއަށި އަޅައިގެން، ދަނޑިފަނުންހެދި މަދަރުސާއަކަށް ކިޔަވައިދިނުން ބަދަލު ކުރެވުނެވެ. މިއީ ކުމުންދޫ ރައްޔިތުން އެބައިމީހުންގެ ދަރީންނަށް ތަޢުލީމު ދިނުމަށް އެދުވަސްވަރުގައި ހުރި ޝައުޤުވެރިކަމުގެ ނަމޫނާއެކެވެ.

4 އޮކްޓޯބަރ 1967 ގައި މަކުތަބުގެ ނަން “މަކުތަބުލް ހިދާޔާ” ގެ ނަމުގައި ރަޖިސްޓްރީ ކުރެވުނެވެ. އަދި މިހާރު ކުމުންދޫ މަކުތަބު ހުރިތަނުގައި ރައްޔިތުން އުވަދަވައިގެން ތެޅިގަލުން ރާނާ ފަނުން ހިޔާކޮށްފައިވާ ބިނާއަކަށް ކިޔެވުން ބަދަލުކުރެވުނެވެ. މަކުތަބުލް ހިދާޔާގެ ގޮތުގައި ބޭނުން ކުރަމުންއައިބިނާ ކުޑަވެގެން ދަނޑިފަނުން އިތުރު ކުލާސްރޫމްތަކެއް ހަދައިގެން މަކުތަބުލް ހިދާޔާގެ ގޯތިތެރޭގައި ކިޔަވައިދިނުން ކުރިއަށް ގެންދެވުނެވެ. އަދި 26 ޖޫން 1980 ގައި މަކުތަބުލް ހިދާޔާގެ ނަން “ކުމުންދޫ މަކުތަބު” މިނަމަށް ބަދަލު ކުރެވިފައި ވެއެވެ. ފަހުން ކުމުންދޫ މަކުތަބުގެ ގޮތުގައި ބޭނުންކުރި އުވައިން ރާނާފައިވާ ޢިމާރާތް ބާވެ، ބޭނުން ނުކުރެވިގެން މިޢިމާރާތް ތަޅާލުމަށްފަހު، ކުމުންދޫ ރައްޔިތުން ތެޅިގާ ބޭނުންކޮށްގެން ސިމެންތިން ޢިމާރާތެއްކޮށް އެތަނަށް ކިޔެވުން ބަދަލުކުރެވުނެވެ. މިޢިމާރާތުގެވެސް ޖާގައިގެ ދަތިކަން ހުރުމުން 1989 ގެ ފަހުންވެސް ދަނޑިފަނުގެ ކުލާސްރޫމްތައް ކުމުންދޫ މަކުތަބުގައި ބޭނުން ކުރެވުނެވެ.

ކުމުންދޫ މަކުތަބުގައި ކިޔަވަމުން އަންނަ ދަރިވަރުން އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންދާތީ މަކުތަބުގެ ޖާގައިގެ ދަތިކަން ބޮޑުވެ، ގިނަ ކްލާސްތަކަކަށް އެއް ޢިމާރާތެއްގައި ކިޔަވައިދިނުމަށް ދަތިވުމުން 13 ނޮވެމްބަރ 1994 ވަނަ އަހަރު ވީ.އެސް.އޯގެ އެހީ ލިބިގެން ކުމުންދޫ ރައްޔިތުން އެމީހުންގެ އަމިއްލަ މަސައްކަތުން ޢިމާރާތްކުރާ ސްކޫލުގެ ބިންގާ އެޅުނެވެ. މިޢިމާރާތް ބިނާކުރެވުނީ ކުމުންދޫ މަކުތަބުގެ ހުޅަނގު ފަރާތުގައެވެ. ސްޓޭޖާއެކު 7 ކްލާސް ރޫމާއި އޮފީސް ބަޔަކާއި 10 ފާޚާނައިގެ ބައެއް މި މަޝްރޫޢުގެ ދަށުން ރައްޔިތުން ޢިމާރާތްކުރިއެވެ. މިޢިމާރާތަށް ކިޔެވުން ބަދަލުކުރެވުނީ 1995 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. އަދި 9 ސެޕްޓެމްބަރ 1997 ވަނަ އަހަރުގައި ކުމުންދޫ މަކުތަބުގެ ނަމުން ކުމުންދޫ ސްކޫލުގެ ނަމަށް ބަދަލު ކުރެވުނެވެ.

2001 ވަނަ އަހަރު ސަރުކާރުން ވަނީ 2 ކުލާސްރޫމް ޢިމާރާތް ކޮށްދެއްވާފައެވެ. އަދި 2008 ވަނަ އަހަރު ސަރުކާރުން އިތުރު 2 ކުލާސްރޫމް ޢިމާރާތް ކޮށްދެއްވާފައި ވެއެވެ. ހަމައެއާއެކު 2011 ވަނަ އަހަރު އިތުރު 6 ކުލާސްރޫމުގެ ބިންގާއަޅައި 2016 ވަނަ އަހަރު އެކުލާސްތައް ބޭނުންކުރަން ފެށުނެވެ.

ކުމުންދޫގައި ރަސްމީގޮތެއްގައި ތަޢުލީމުދޭން ފެށި ދުވަސްވަރު މުދައްރިސުންނަށް މުސާރަދީއުޅުނީ ރައްޔިތުންގެ މާލިއްޔަތުންނެވެ. ކާޑުގެއިންދެވޭ މަސްބައެއް ރިހާކުރު އަޑުބައެއް ހަކުރު ބޮލިއްސައެއް ފުށްގަލެއް ފަދަ އެއްޗަކުންނެވެ. މިދުވަސްވަރުގައި ކިޔަވައިދެއްވަނީވެސް ރަށުގެ ހަރު ބޭފުޅުންނެވެ.

ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ވެރިކަމުގެ ދުވަސްވަރުގައި އަލްފާޟިލް ޢަލީ މުޙައްމަދު ހުވަނދުމާގެ (ދޮށިބޭ ޢަލީ) ކަތީބު ކަމުގައި އަލްފާޟިލް ޢަލީ އަޙްމަދު ގިރިޓީގެ (މުދިމު ޢަލީ) ގެ މުދައްރިސްކަމުގެ ދަށުން ކުމުންދޫގައި ފުރަތަމަ ފަހަރަށް މަކުތަބެއްގައި ތަޢުލީމު ދޭންފެށުމުގެ ބިންގާ އެޅުނެވެ. މީގެފަހުން އަލްފާޟިލް ޢީސާ އިބްރާހީމް ހިތިގަސްދޮށުގެ (އީސަބެ) ފަދަ ބޭފުޅުން މަކުތަބުގައި ކިޔަވައިދެއްވަން ފެއްޓެވިއެވެ. އަދި މިދުވަސްވަރުގެ މުދައްރިސުންގެ ތެރޭގައި އަލްފާޟިލް އަބޫބަކުރު އަޙްމަދު ގިރިޓީގެ އާއި 22 ރަބީޢުލްއާޚިރު 1368 (20 ފެބްރުއަރީ 1949) ގައި ދުރުވި ހދ.ވައިކަރަދޫ އަލްފާޟިލް ޙުސައިން އާދަމް (ޙުސައިންފުޅު) އަދި 16 މުޙައްރަމް 1369 (7 ނޮވެމްބަރ 1949) ގައި މަކުތަބުގައި ކިޔަވައިދެއްވަން ދުރުވި ހދ.ކުޅުދުއްފުށި އަލްފާޟިލް ޙަސަން ޙުސައިން (މާވަޑި ޙުސައިންގެ ޙަސަން) ފަދަ މުދައްރިސުން ފާހަގަ ކުރެވެއެވެ. މިދުވަސްވަރުގައި މަކުތަބު ހިންގުމުގެ ހުރިހާކަމެއްވެސް ބަލަހައްޓަވަނީ އެޒަމާނުގައި ރަށް ހިންގުމުގެ ޒިންމާ އުފުލައްވާ މުއައްސަސާ ކަމުގައިވާ ކާޑުގެއިންނެވެ. ބައެއްފަހަރު ގަޑިފުރާ މުދައްރިސުންގެ ގޮތުގައި ރަށުގެ ކަމުވޮށިވެގެންވާ ބޭބޭފުޅުންނާއި ރަށުގެ ވެރިން މަކުތަބުގައި ކިޔަވައިދެއްވާފައިވެއެވެ. މިގޮތުން އަލްފާޟިލް ޢަބްދުލްޙަކީމް ޢަލީ ހުވަނދުމާގެ (ކުޑަކަތީބު) އާއި އަލްފާޟިލް އާދަމް މުޙައްމަދު ދިއްލީގެ (ކަތީބު) އާއި އަލްފާޟިލް އިބްރާހީމް ޢަލީ މުނިޔާގެ އާއި އަލްފާޟިލް ޙުސައިން ޢަލީ މުރިނގު (ކަތީބު) ފަދަ ބޭބޭފުޅުން ކިޔަވައިދެއްވާފައި ވާކަމީ ކުމުންދޫގެ ތަޢުލީމަށް އެބޭފުޅުން ބެހެއްޓެވި ޚާއްޞަ އަހަންމިއްޔަތުގެ އަލިގަދަ ހެއްކެކެވެ.

ހިޖުރައިން 12 ޛުލްޤައިދާ 1371 މީލާދީން 3 އޯގަސްޓް 1952 ގައި މަދަރުސާގެ އިސްމުދައްރިސަކަށް އަލްފާޟިލް މުޙައްމަދު ޒަކަރިއްޔާ މީޒާން ޅ.ނައިފަރު ހަމަޖެއްސެވިއެވެ. މިއީ އެދުވަސްވަރު ތިލަދުންމަތީ އަތޮޅުވެރިޔާ އަލްފާޟިލް ވަޑިދޮންމަނިކު ތަޢުލީމަށްދެއްވި ޚާއްޞަ އިސްކަމެއްގެ ދަށުން އެހެން ރަށްރަށުން ގެންނެވި މުދައްރިސުންގެ ތެރޭގައި މަދަރުސާއަށް ފާހަގަ ކުރެވޭފަދަ ބަދަލެއް ގެންނެވި ޝަޚްޞިއްޔަތެކެވެ. މިދުވަސްވަރުގައި މަދަރުސާގެ ޕިއޯނެއްގެ ގޮތުގައި އަލްފާޟިލް އިބްރާހީމް އަޙްމަދު ނަޞުރުއްޞަބާ އަދި މަސައްކަތު މީހެއްގެ ގޮތުގައި އަލްފާޟިލް އަބޫބަކުރު ޒަކަރިއްޔާ ގުލްއަލާގެ ހުންނެވިކަމަށް ލިޔުންތަކުން އެނގެއެވެ. މިދުވަސްވަރު ޕިއޯނާއި މަސައްކަތު މީހާގެ މުސާރައަކީ -/6ރ (ހަރުފިޔާ) އެވެ. މަދަރުސާގެ މާޒީގެ މިދައުރަކީ ކުމުންދޫގެ ތަޢުލީމުގެ ހަޔާތަށް އާރޯޝަންކަމަކާއި ފެހިކަން ގެނެސްދިން ދައުރެއްކަމުގައި ފާހަގަކޮށްލަންޖެހެއެވެ. އެއީ މަދަރުސާގައި އެއްނަންބަރު ކުލާހާއި ދެނަންބަރު ކުލާސް އަދި ތިންނަންބަރު ކުލާސް އުފެދި މަދަރުސާގެ ކުދިންގެ މެދުގައި ކުޅިވަރުގެ ވާދަވެރިކަން އުފެއްދުމަށް ބައިބަހައި ބަޔަށް ނަންކިޔައިގެން ހަރަކާތްތައް ފެށުނު ދައުރެކެވެ. އަލްފާޟިލް މުޙައްމަދު ޒަކަރިއްޔާގެ ފަހުން 1372ހ އަހަރުގައި ޅ.ނައިފަރު އަލްފާޟިލް ދޮން ޙުސައިން މުދައްރިސެއްގެ ގޮތުގައި އުޅުއްވާފައިވެއެވެ. މިދައުރަށްފަހު ކުމުންދޫގެ އެކިއެކި ބޭބޭފުޅުންނާއި ރަށުއޮފީހުގެ ބައެއް ބޭބޭފުޅުން ކިޔަވައިދެއްވާފައި ވެއެވެ. މީގެތެރޭގައި އަލްފާޟިލް އިބްރާހީމް ޢަލީ ރަށްފެހިގެ، އަލްފާޟިލް ޢަލީ ޢީސާ ހިތިގަސްދޮށުގެ، އަލްފާޟިލް ޙާމިދު އާދަމް މުތްތޮށިގެ، އަލްފާޟިލް އިބްރާހީމް އަޙްމަދު ނަޞުރުއްޞަބާ (ކަތީބު)، އަލްފާޟިލް ސަޢީދު އަޙްމަދު އިވްނިންގހައުސް، އަލްފާޟިލް ޙަސަން އާދަމް ހިޔާ، އަލްފާޟިލް ޢަބްދުލްވާޙިދު ޢަލީ ފިނިވާގެ، އަލްފާޟިލް މުޙައްމަދު ޢަލީ އެނބުރޭވިލާ ހިމެނެއެވެ. މީގެފަހުން އަލްފާޟިލް ޙަސަން ޢަލީ ވައިލެޓްވިލާ އިސްމުދައްރިސެއްގެ ގޮތުގައި ހުންނަވައިގެން 2 އޭޕްރީލް 1983 ވަނަ އަހަރުން ފެށިގެން 1988 ހަމައަށް ކުމުންދޫ މަކުތަބަށް ޚިދުމަތް ކުރައްވާފައިވެއެވެ. ޙަސަން ޢަލީ އަކީ އެންމެ ފުރަތަމަ ވަގުތީ މުދައްރިސެއްގެ ގޮތުގައި ސަރުކާރުން ހަމަޖެއްސެވި މުދައްރިސެވެ.

1989 ގައި ފުރަތަމަ ޕްރައިމަރީ ޓީޗަރަކަށް އައްޝައިޚް މުޙައްމަދު ވަޙީދު ދާރުއްސަލާމް ހަމަޖެއްސުމުން ކުމުންދޫ މަކުތަބުގެ އިސްމުދައްރިސެއްގެ ގޮތުގައި އައްޝައިޚް މުޙައްމަދު ވަޙީދު މަސައްކަތް ކުރައްވަން ފެއްޓެވިއެވެ. އަދި އިނގިރޭސި ކިޔަވައިދެއްވުމަށް ސައްޔިދު ޢައްބާސް ޢަލީ (ހ.ކަޅުހުރާގެ، ކ.މާލެ/މއ.ބޮޑުގަލުމާފަތްގެ، ކ.މާލެ) ސީދީވިލާ ހދ. ކުމުންދޫ ގެނެވުނެވެ. ހަމަ އެއާއެކު އަލްފާޟިލް ޙަސަން ޢަލީ ވައިލެޓްވިލާ މުދައްރިސެއްގެ ގޮތުގައި ކިޔަވައިދެއްވަމުން ގެންދެވިއެވެ. މި ތިން މުދައްރިސުންގެ މޭސްތިރިކަމުގެ ދަށުން 1989 ގައި، ކުމުންދޫ މަކުތަބުގައި އިތުރު ފޯރިއާއެކު ކިޔަވައިދެމުން ގެންދިޔައެވެ. ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ދެވަނަ ދައުރުގެ ފުރަތަމަ ރައީސް އަލްފާޟިލް އިބްރާހީމް ނާޞިރުގެ ވެރިކަމުގެ ފަހުކޮޅާއި ދެވަނަ ދައުރުގެ ދެވަނަ ރައީސް އަލްއުސްތާޛު މައުމޫނު އަބްދުލްޤައްޔޫމުގެ ވެރިކަމުގެ ކުރީކޮޅު ކުމުންދޫގެ ތަޢުލީމީ ހަޔާތަށް ޚަރީފު މޫސުމެއް އައިސްފައިވީ ނަމަވެސް 1989މ ވަނަ އަހަރަކީ އަނެއްކާވެސް ކުމުންދޫ މަކުތަބަށް އާދިރުމެއްލިބިގެންދިޔަ އަހަރެކެވެ. މިއީ ކުމުންދޫ ކަތީބު އަލްފާޟިލް ޙުސައިން އަޙްމަދުގެ ނާޒިރު ކަމުގައި އައްޝައިޚް މުޙައްމަދު ވަޙީދު ދާރުއްސަލާމް އިސް މުދައްރިސެއްގެ ގޮތުން މަސައްކަތް ކުރައްވަން ފެއްޓެވި އަހަރެވެ. މިއަހަރަކީ ޤައުމީ މަންހަޖާއި އެއްގޮތަށް ތަޢުލީމު ބައްޓަން ކުރުމަށް ގްރޭޑް 1ން 5ށް ކުލާސްތައް އުފައްދަވައި ބޮޑެތިކުދިންނަށް ޚާއްޞަ ކުލާސް 1ގެ ނަމުގައި ގްރޭޑް 6ގެ މުޤައްރަރުގެ މާއްދާތައް ކިޔަވައިދިނުމާއި ޚާއްޞަ ކުލާސް 2ގެ ނަމުގައި ގްރޭޑް 7ގެ މުޤައްރަރުގެ މާއްދާތައް ހިމަނައިގެން ކިޔަވައިދެއްވަން ފެއްޓެވި އަހަރެވެ. އަދި މާއްދާއެއްގެ ގޮތުގައި އިނގިރޭސި ބަސް ތަޢާރަފު ކުރެވިގެންދިޔަ އަހަރެވެ. ފުރަތަމަ އިނގިރޭސި ޓީޗަރަކީ ސައްޔިދު ޢައްބާސް ޢަލީ (ހ.ކަޅުހުރާގެ/މއ.ބޮޑުގަލުމާފަތްގެ) ސީދީވިލާ ހދ. ކުމުންދޫ އެވެ. މިއީ ރައްޔިތުންގެ ފަރާތުން މުސާރަ ދީގެން ގެނެވުނު ޓީޗަރެކެވެ. މިދުވަސްވަރު އަލްފާޟިލް ޙަސަން ޢަލީ ވައިލެޓްވިލާ މުދައްރިސެއްގެ ގޮތުން މަސައްކަތް ކުރެއްވިއެވެ. މިދުވަސްވަރަކީ ކުމުންދޫ މަކުތަބުގެ ކުލަގަދަ ދައުރެއްކަމުގައި ފާހަގަކޮށްލަން ޖެހެއެވެ. ކިޔެވުމުގެ އިތުރުން ދެޖިންސުގެ ކުދިންގެ މެދުގައި ބައިތުބާޒީ މުބާރާތްތަކާއި ފުޓްބޯޅަ އާއި ބަށި މުބާރާތްތަކާއި ކަސްރަތު ޕްރޮގްރާމްތައް ހިންގުނު ދައުރެކެވެ. އަތޮޅުތެރޭގައި ހިންގޭ ބައެއް މުބާރާތްތަކުގައި ކުމުންދޫ މަކުތަބުގެ ދަރިވަރުން ފާހަގަކޮށްލެވޭފަދަ ވަނަތަކެއް ހާސިލު ކުރަމުންދިޔަ ދުވަސްވަރެކެވެ. ޚާއްޞަކޮށް ފުޓުބޯޅަ މުބާރާތްތަކުންނާއި ބަށިމުބާރާތްތަކުން ހޯދާފައިވާ ކާމީޔާބީތައް ފާހަގަކޮށްލަން ޖެހެއެވެ. މިދުވަސްވަރުގައި އިސްމުދައްރިސެއްގެ ގޮތުގައި ހުންނެވި އައްޝައިޚް މުޙައްމަދު ވަޙީދު އަކީ އެންމެ ފުރަތަމަ ސަރުކާރުން ހަމަޖެއްސެވި ޕްރައިމަރީ ޓީޗަރެވެ.

ކުމުންދޫ ސްކޫލް ސަރުކާރުގެ ސްކޫލަކަށް ބަދަލުކޮށްދެއްވުމާއި ހަމައަށް ސްކޫލް ހިންގަވާފައިވަނީ އެދުވަސްވަރަކު ކުމުންދޫ އޮފީސް ހިންގުމާއި ހަވާލުވެ ހުންނެވި އިސްވެރިއެއް ސްކޫލުގެ ނާޒިރުގެ ގޮތުގައި ހުންނަވައިގެންނެވެ. މިގޮތުން ސްކޫލުގެ ނާޒިރުކަން ކޮށްދެއްވާފައިވާ ބޭފުޅުންނަކީ، 1.އަލްފާޟިލް ޢަލީ މުޙައްމަދު ހުވަނދުމާގެ (ދޮށީބެޢަލީ)، 2.އަލްފާޟިލް ޢަލީ އިސްމާޢީލް ރަށްފެހިގެ (ދޮންބެޢަލީ)، 3.އަލްފާޟިލް ޙުސައިން ޢަލީ މުރިނގު، 4.އަލްފާޟިލް އާދަމް މުޙައްމަދު ދިއްލީގެ، 5.އަލްފާޟިލް ޙުސައިން އަޙްމަދު ގިރިޓީގެ، 6.އަލްފާޟިލް އިބްރާހީމް އަޙްމަދު ނަޞުރުއްޞަބާ، 7.އަލްފާޟިލް ޙުސައިން އަޙްމަދު ގިރިޓީގެ، 8.އަލްފާޟިލް ޙުސައިން ޢަލީ މުރިނގު އެވެ. އަލްފާޟިލް ޙުސައިން ޢަލީ މުރިނގު ވަނީ 7 ޖުލައި 1991ން ފެށިގެން 23 މެއި 2005ގެ ނިޔަލަށް ނާޒިރުކަން ކޮށްދެއްވާފައިވެއެވެ. އަދި 50 އަހަރުވެފައިވާ ރައްޔިތުންގެ ސްކޫލްތައް ސަރުކާރު ސްކޫލްތަކަށް ބަދަލުކުރައްވާ އުސޫލުގެ މަތިން 23 މެއި 2005 ގައި ސަރުކާރު ސްކޫލަކަށް ބަދަލުކުރެއްވުމާއި ގުޅިގެން ސްކޫލް ހިންގެވުމަށް ސަރުކާރުން ކަނޑައަޅުއްވާ ބޭފުޅުން ސްކޫލް ހިންގަވަން ފެއްޓެވިއެވެ.

1996 ވަނަ އަހަރަކީ ކުމުންދޫ މަކުތަބުގައި ގްރޭޑް 6 އުފެދުނު އަހަރެވެ. އަދި 1999 ވަނަ އަހަރު ގްރޭޑް 7 އުފެދުމާއި އެކު ޚާއްޞަ ކުލާސްތައް އުވާލެވުނެވެ. އަދި 1999 ވަނަ އަހަރު ކިޔަވައި ދިނުމުގެ މީޑިއަމް އިނގިރޭސި މީޑިއަމަށް ބަދަލުވެގެން ދިޔައެވެ. 2005 ވަނަ އަހަރު ސާނަވީ ތަޢުލީމުފެށިގެން ދިޔައެވެ. ފުރަތަމަ ކޮމާސް ސްޓްރީމަށް ކިޔަވައިދޭން ފެށުނު ނަމަވެސް 2008 ވަނަ އަހަރު ސައިންސް ސްޓްރީމަށް ކިޔަވައިދޭން ފެށުނެވެ. ފުރަތަމަ ކެމްބްރިޖް އޯލެވެލް އާއި އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިޙާނުގައި ދަރިވަރުން ބައިވެރިވެފައިވަނީ 2007 ވަނަ އަހަރުއެވެ. އަދި ހަމަ މިއަހަރު ގްރޭޑް 10 ނިންމާ ދަރިވަރުން ކޮމްޕިޔުޓަރަށް އަހުލުވެރި ކުރުމުގެ ގޮތުން ޕްރޮގްރާމެއް ހިންގަން ފެށުނެވެ.

ކުމުންދޫ ސްކޫލުގެ ތަޢުލީމީ ޙަޔާތުގެ އެތައްދުވަސްތަކެއް ފާއިތުވުމަށްފަހު މިހާރުމިވަނީ އެލް.ކޭ.ޖީ އިން ފެށިގެން ގްރޭޑް 10 އަކަށް ކިޔަވައިދޭ ސްކޫލަކަށް ބަދަލު ވެފައެވެ. ކިޔަވައިދިނުމުގައި ޒަމާނީގޮތްތައް ބޭނުންކޮށްގެން އުނގަންނައިދިނުމުގެ އާ ވައްޓަފާޅިތައް ބޭނުން ކުރަމުންދާކަން ފާހަގަކޮށްލަންޖެހެއެވެ. އަދި މީގެއިތުރުން ކިޔެވުމާއިއެކު ތަފާތު ގިނަގުނަ އިތުރުހަރަކާތްތައް ތަޢާރަފު ކުރެވިފައިވާކަން އުފަލާއެކު ފާހަގަކޮށްލަންޖެހެއެވެ. މިގޮތުން އިނގިރޭސިބަހާއި ދިވެހިބަހުގެ އަދަބީ ހަރަކާތްތަކާއި ކުޅިވަރުގެ އެކިއެކި މުބާރާތްތަކާއި ދީނީ އަދި ސަޤާފީ ހަރަކާތްތައް ބޭއްވެމުންދާކަމީ ކުމުންދޫ ސްކޫލް ކުރިއަރަމުންދާކަމުގެ އަލިގަދަހެއްކެކެވެ. އަދި އަދަބީ މުބާރާތްތަކުގައާއި ކުޅިވަރު މުބާރާތްތަކުގައި ކުމުންދޫ ސްކޫލުގެ ދަރިވަރުން އެހެންރަށްރަށުގެ ސްކޫލްތަކުގެ ދަރިވަރުންނާއި ވާދަކޮށް ފަޚުރުވެރި ކާމިޔާބީތަކެއް ހޯދާފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.

ކުމުންދޫ ސްކޫލުން ތަޢުލީމު ހާސިލުކޮށްފައިވާ ކޮންމެ ދަރިއަކު، މި ތަޢުލީމީ ބިނާ އާއިމެދު ފަޚުރުވެރިވާންޖެހެއެވެ. އަހަރުމެންގެ ކާބަފައިން ފޯރުކޮށްދެއްވާފައިވާ ތަޢުލީމީ ދަންމަރުގެ އަލިކަން މި ޖީލުގެ ދަރިން ޝުކުރުވެރިކަމާއެކު ބަލައިގަންނަންޖެހެއެވެ. ހަމައެފަދައިން މިތަރިކަ އަންނަން އޮތް ޖީލަށް ވާސިލުކޮށްދިނުމަކީ އަހަރެމެންގެ ބޮލުގައި އެޅިފައިވާ ވަރަށް ބޮޑު ޒިންމާއެކެވެ.

________________________________________________________________________________________

ޝުކުރު

މި ލިޔުން ލިޔުމުގައި ވަރަށްގިނަ ފަރާތްތަކެއްގެ ދީލަތި އެހީ ލިބިފައި ވެއެވެ. އެހެންކަމުން މިއެންމެހައި ފަރާތްތަކަށް ޝުކުރު ދަންނަވަމެވެ. މިގޮތުން މަޢުލޫމާތު އެއްކުރުމާއި ލިޔުމުގައި އަލްފާޟިލް މޫސާ ޙަސަން މަލަސް ދެއްވި އެހީތެރިކަން ފާހަގަ ކުރަމެވެ. އަދި މަޢުލޫމާތު ދެއްވި ބޭފުޅުންގެ ތެރޭގައި، އައްޝައިޚް މުޙައްމަދު ވަޙީދު ދާރުއްސަލާމް، އަލްފާޟިލް ޙުސައިން ޢަލީ މުރިނގު، އަލްފާޟިލް ސަޢީދު އަޙްމަދު އިވްނިންގހައުސް، އަލްފާޟިލް ޙަސަން ޢަލީ ހަޒާރުމާގެ، އަލްފާޟިލް އިބްރާހީމް އާދަމް ސީސަންގެ، އަލްފާޟިލް މުޙައްމަދު ޤާސިމް ގަނދަކޯޅިގެ، އަލްފާޟިލް ޙަސަން ޢަލީ ވައިލެޓްވިލާ ހިމެނެއެވެ. އަދި މި ލިޔުމުގައި ރަށުގެ ނަން ފާހަގަނުކޮށްވަނީ ކުމުންދޫއަށް ނިސްބަތްވާ ފަރާތްތަކަށެވެ. ރިޕޯޓު ވިދާޅުވާ ބޭފުޅުން މިކަމަށް ސަމާލުކަންދެއްވުންއެދެމެވެ.