ކުމުންދޫގައި ……… ވަގުތުކޮޅެއް

މުޙައްމަދު ޒަކަރިއްޔާ  / މީޒާން ، ޅ.ނައިފަރު

މަގޭ ޅަދުވަސް މަގޭޅަދުވަސް އަލުން އަންނާނެނަމަ އެދުވަސް

މަގޭ ޅަދުވަސް މަގޭ އުޚުތުން އަޚުން އައުކޮށް ލިބުނު އެދުވަސް

ބިމުން ބޮޑު މާރަށެއް ފެހިގަސްތަކުން ފެންނާނެ ބޮޑު މަލަވެސް

ކުމުންދޫގައި އުޅުނު އެދުވަސް އަލުން ފެންނާނެނަމަ އެދުވަސް

 

އެއީ ދިވެހިރާއްޖެ ތަޢުލީމީ ފަތިހަކަށް ހޭލަމުން އައިދުވަސްވަރެވެ. ރާއްޖޭގެ މިޒަމާނުގެ ތަޢުލީމުގެ ބާނީ އަލްއަމީރު މުޙައްމަދު އަމީނުގެ ދައުރު ފެށި ރާއްޖެތެރެ ޙަރަކާތްތެރިވަމުން ދިޔަދުވަސްވަރެވެ. ރާއްޖެތެރޭގެ ރަށްރަށުގައިވެސް މަދަރުސާތަކާއި މަކްތަބުތައްހެދި ވަކި ނިޒާމަކަށް ކިޔަވައިދިނުން ބައްޓަން ކުރެވެމުން ދިޔަ ދުވަސްވަރެވެ. އެދައުރަކީ ތިލަދުންމައްޗާ ފާދިއްޕޮޅު ވަރަށް ބަދަހި ގުޅުމަކުން ގުޅިފައިވި ދަވްރެކެވެ. ތިލަދުންމަތީ އަތޮޅުވެރިޔާ އަލްމަރްޙޫމް ވަޑިދޮންމަނިކާ ޅ.އަތޮޅު އަތޮޅުވެރިޔާ އަލްމަރްޙޫމް ޙަކީމު ދޮންކަލޭފާނަކީ އަލްއަމީރު މުޙައްމަދު އަމީނުގެ ތަރައްޤީގެ މަޝްރޫޢު ތަކަށް އެއްގޮތެއްގެ މަތިން ތަރުޙީބު ދެއްވި ހަރުދަނާ ދެ ޝަޚްޞިއްޔަތެވެ. އެހެންކަމުން އަތޮޅުވެރިޔާ އެދިވަޑައިގަތުމުން ތިލަދުންމަތީގެ އެކިރަށްރަށުގެ މަދަރުސާތައް ހިންގުމަށް ފާދިއްޕޮޅުން (ނައިފަރުން) މުދައްރިސުން ފޮނުއްވަމުން ގެންދެވީކަމުގައި ފާހަގަކުރެވިފައި ވެއެވެ. 1371ހ ވަނައަހަރު މިދެންނެވި ގޮތުގެ މަތިން މުދައްރިސުން ރަށްރަށަށް ފޮނުވުމުގެ ސްކީމުގެ ދަށުން ކުމުންދޫ މަދަރުސާގައި ކިޔަވައިދޭން ދާންޖެހުނީއެވެ. އަޅުގަނޑު އެރަށަށް ދިއުމުުގެ ކުރިން ނައިފަރު އެހެން މުދައްރިސަކުވެސް އެރަށު މަދަރުސާގައި އެދުރުބޭކަލެއްގެ ގޮތުން މަސައްކަތް ކުރައްވާފައި ވެއެވެ. އަޅުގަނޑުގޮސް ބެލީ މަދުރަސީ ނިޒާމަކަށް ބައްޓަން ކުރެވޭތޯއެވެ.

އަޅުގަނޑު އެރަށަށް ދިޔައިރު ރަށުގެ އިސްވެރިޔަކަށް ހުންނެވީ ކަތީބު އަލިބެއެވެ. ކުޑަކަތީބަކީ، ދޮންއާދަމް ކިޔާ ޒުވާނެކެވެ. މިބޭކަލުންގެ ފަރާތުންނާއި އެދާއިރާގައި އުޅުއްވި އިބްރާހީމް އަޙްމަދުގެ ފަރާތުން އަޅުގަނޑަށް މިންނެތް އެހީތެރިކަން ލިބެމުން ދިޔައެވެ. މީގެތެރެއިން ކުޑަކަތީބު ދޮންއާދަމަކީ ރަށުގެ ކުރިއެރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ބޭކަލެއް ކަމުގައި އަޅުގަނޑަށް ފާހަގަ ކުރެވުނެވެ.

އަޅުގަނޑު ހުންނަނީ މަދަރުސާގެ އުތުރުގައި ދަނޑި ފަނުން އަޅާފައި ހުރި އުނދޯލިގެއެއް ގައެވެ. ކެއިން ބުއިން އޮންނަނީ ހަނދާންވާގޮތުން ހަފުތާއަކު އެއްފަހަރު ބަދަލުވާގޮތަށް ވެރިޔެއްގެ ގޭގައެވެ. ދުވަސްވަރަކީ ދެވަނަ ބޮޑުހަނގުރާމައިގެ ތަދުމަޑު ހާލު އަދި ފިލާނުގޮސް އޮތް ދުވަސްވަރެވެ. ނަމަވެސް ކުމުންދޫ އަކީ ބޮޑު މާރަށަކަށް ވެފައި ރުއްއެރުމާއި މޫސުމީ ދަނޑުހައްދާ ބަޔަކަށްވުމީ ތަދުމަޑު ކަމާއި ކުރިމަތިލާން ނުޖެހުމުގެ އެއްމެ ބޮޑު ސަބަބު ކަމުގައި ވާނެއެވެ. އަދި އިރުވައި މޫސުމުގެ މަސްވެރިކަމުން ރަށަށްލިބޭ ތަނަވަސްކަން ބޮޑެވެ. އަދި މީގެ އިތުރުން މުޅިރަށުގައި ހެދިފައިވާ ބިޔަ ބަނބުކެޔޮ ގަސްތަކަކީ އެހެން ރަށްރަށުގެ މީހުންނަށްވެސް އެހީތެރިކަން ފޯރުކޮށްދެވޭ ކަމަކަށްވެއެވެ. އަދި އުފަލާއެކު ދަންނަވަންޖެހޭ އަނެއްކަމަކީ، އެރަށުގައި ވައްކަން ކުރުން ވަރަށް މަދުވާހަކައެވެ.

ވަރަށް ކުރީއްސުރެ މިރަށުގައިވަނީ ވައު ކަންޓުރޯލް ކުރެވިފައެވެ. ކާއްޓާއި ބަނބުކެޔޮ އަދި ކަށިކޭލާ އޮށްކެޔޮ ފަދަ އެއްޗެތި ލިބެމުން ދާނީ ރަށުއޮފީހުން ބަހާ ޤަވާޢިދެއްގެ މަތިންނެވެ. އަޅުގަނޑު ދުށްގޮތުގައި ކުމުންދޫގެ ގިނަމީހުންނަކީ ވެރިންނަށް ކިޔަމަންތެރި “ސަންގަށް” ހޭނިފައިވާ ބަޔެކެވެ. ސަންގު ފުމޭ ޢަދަދުން އެންމެންނަށްވެސް ކަންކުރަންވީގޮތް އެނގެއެވެ. ވަލަށްދާންވީ، ވާބަންދުވީ، ރައްޔިތުން އެއްވާންވީ، މިފަދަ އެތައްކަމެއް ސަންގު ފުންމާ ޢަދަދުން އަންގައިދެއެވެ.

މަދަރުސާގައި މާ ކުދީން ގިނަނޫން ނަމަވެސް އަޅުގަނޑުމެން މަދަރުސާގެ ކަންތައްތައް ރާވާ ހިންގޭތޯބެލީ އެދުވަސްވަރާ އެންމެ އެކަށޭނަ ގޮތަށެވެ. ބައިބަޔަށް ކުދީން ބަހައި ބަޔަށް ނަންކިޔައި ވާދަވެރިކަން އުފައްދައިގެންނެވެ. މަސްމަހުގެ މާކުސް ނަގައި ނަތީޖާ ފާޅުކޮށް އަދި އިމްތިޙާނުތަކުގައި ވަނަތަކަށް އަންނަ ކުދީންނަށް އެދުވަސްވަރާ އެކަށީގެންވާ އިނާމުވެސް ދެމުންނެވެ. ތަފާތު ކުޅިވަރު ޕްރޮގްރާމްތަކާ މުބާރާތްތައް ބާއްވަމުންނެވެ.

އަޅުގަނޑު ކުމުންދޫ މަދަރުސާގައި ހުރިދުވަސްކޮޅު މަދަރުސާއަށްއައި އެންމެ ތާރީޚީ ދުވަހަކަށްވާނީ ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާ ޞާހިބުލްފަޚާމާ މުޙައްމަދު އަމީނު ޢިއްޒަތްތެރި ބޭފުޅުންކޮޅަކާއިއެކު “ހައިސިންތު” ގައި 1372ހ ވަނައަހަރު އެރަށަށް ޒިޔާރަތްކުރައްވާ މަދަރުސާގެ ކުދީންނާ ބައްދަލުކުރެއްވި ދުވަހެވެ. ދުވަހުގެ ޕްރޮގްރާމުގައި ރޭވިފައިއޮތް އެއްކަމަކީ، އަރިހުގައި ވަޑައިގެންނެވި އަންހެންބޭފުޅުންނާ މަދަރުސާގެ ކުދީންނާ އަދި ރަށުގެ ބައެއް ޒުވާނުންގެ މެދުގައި އެކުވެރިކަމުގެ ބަށިމެޗެއް ކުޅުމެވެ. މެޗްއޮތީ މަދަރުސާގެ ގޯތިތެރޭގައެވެ. އެދުވަހު އަޅުގަނޑުމެންނަށް އެބޭފުޅުންނާއި ބައިވެރިވެ ކުޅެވޭގޮތްވީ ކުރިން އަޅުގަނޑުމެން ކޮންމެވެސް ވަރަކަށް ކުޅިވަރުގައި ބައިވެރިވެ އުޅުނީމާކަން އެނގޭނެއެވެ.

ކޮންމެއަކަސް އެދަތުރުގައި ވަޑައިގެންނެވި ގިނަބޭފުޅުންނަކީ އަޅުގަނޑު ދެނިވަޑައިގަންނަވާ ބޭފުޅުންނަށްވާތީ މަދަރުސާގެ ކަންތަކާއިމެދު ހިތްޕުޅު ހަމަޖެހޭކަން ހާމަކުރައްވާ ހިތްވަރުދެއްވާ ހެއްދެވިކަންއެއީ އަޅުގަނޑަށްވެސް ވަރަށްބޮޑު އުފަލެއްލިބުނު ކަމެކެވެ.

މަދަރުސާގެ ފެށިގެންއައި ދުވަސްވަރު ބައެއް ކުދީންނަށް އޭރުކިޔަމުންއައި ނަން އަޅުގަނޑު ބަދަލުކޮށްލީމެވެ. އެއީ އެއްނަމެއްކިޔާ ދެކުދީންތިބުމާ އަދި ދޮންކަނބުލޮ ކުޑަކަނބުލޮ ކަހަލަ ނަންނަން ޙަސީނާ، ސަލީމާ ފަދަ ނަންނަމަށެވެ. ކުދީންގެ ބެލެނިވެރީންވެސް އެނަންތައް ބަލައިގަނެ ފަހުން އެނަންނަމަކީ އެކުދީންގެ ދާއިމީ ނަންކަމުގައި ވެފައިވާކަން އެއީވެސް މިރަށުމީހުން ކުރިއެރުމަށްދޭ ތަރުޙީބު ކަމުގައި އަޅުގަނޑަށް ފާހަގަ ކުރެވުނެވެ.

އަޅުގަނޑު ދުށްގޮތުގައި ކުމުންދޫއަކީ، ފަސްގަނޑު މޮޅު ގަސްހެދޭ ރަށަކަށް ވީފަދައިން ރަނގަޅު މީހުންވެސް އުފެދުން އެކަށޭނަ ރަށެކެވެ. އަޅުގަނޑު އެމަދަރުސާގައި ކިޔަވައިދިން ދުވަސްވަރު އުޅުނު ގިނަކުދީންނަކީވެސް ވަރަށް ބަސްއަހާ ޝައުޤުވެރި ކަމާއިއެކު އުޅުނު ކުދީން ކޮޅެކެވެ. އަޅުގަނޑު ހީކުރާހިތްވަނީ ކުމުންދޫ މަދަރުސާގައި އަބަދުވެސް އުޅޭނީ އެފަދަ ބަސްއަހާ ތަޢުލީމަށް ލޯބިކުރާ ކުދީންތަކެއް ކަމުގައެވެ.

އަޅުގަނޑު ދުށްކުމުންދޫ މީހުންނަކީ، ހިތްހެޔޮ ވަރަށް އެކުވެރި ބަޔެކެވެ. އަޅުގަނޑު ރަށަށް އައިފަހުންވެސް އުތުރުގެ ދަތުރުވެރިން ރޭކުރުކޮށްލަން ނައިފަރަށް ޖައްސާލާ އުޅުނުއިރު ވަރަށްގިނަމީހުން އަޅުގަނޑާ ބައްދަލުކޮށްލަން އަންނަ އައުން މިކަމުގެ ހެއްކަކަށް ފުދެއެވެ. އަދި ބައެއް ދަރިވަރުން މާމަ ދަރިން ގޮވައިގެންވެސް ނައިފަރަށް ޖައްސާލެވުމުން “މީޒާނަށް” އަންނަކަން އެއީ އެދަރިވަރުން އަޅުގަނޑު ހަނދާން ނައްތާނުލާ ކަމެވެ.

އަޅުގަނޑު ކުދީން މަސައްކަތަށް ހޭލުންތެރިކުރުމުގެ ގޮތުން އެއްމެ ފަހުން ކުރި މަސައްކަތަކީ މަދަރުސާ އާއި ދިމާލުން ދެކުނަށް ގޮނޑުދޮށަށް މަގެއް ކޮށުމެވެ. ދިގުމަގެކެވެ. އެކަމަކު ކުދީން ފޫހިވުމެއްނެތި އެކަންކުރީ އެކުދީންގެ ބެލެނިވެރީންގެ ފަރާތުންވެސް ހިތްވަރު ލިބިގެންނެވެ. އަޅުގަނޑު އަހާފައިވާގޮތުގައި އެމަގު އުވިދަންދެން މަގުގެ ނަމަކަށް ކިޔައި އުޅުނީވެސް ނައިފަރީ މަގެވެ.

ކޮންމެއަކަސް ބައިގަރުނަށްވުރެ ގިނަދުވަސް ވެގެން ދާއިރުވެސް އަދިވެސް އަޅުގަނޑު ހަނދާނުން ކުމުންދޫގެ ބަޔެއް ހަނދާން ފިލާނުދެއެވެ. އަޅުގަނޑުގެ ބައެއް ދަރިވަރުންނެވެ. ކަތީބު ޢަލިބެޔާ ކުޑަކަތީބު ދޮންއާދަމްގެ ދެމަފިރީންގެ ހިތްހެޔޮކަމެވެ. އަދިވެސް ބައެއް ރަޙްމަތްތެރިންނެވެ. ޢަބްދުއްޞަމަދު، ޙުސައިން ޢަލީ، ސަކީބާ، ޙަސީނާ، އާމިނަތު ޙުސައިންމެން އަދިވެސް ދެކިލާހިތްވެއެވެ. އަލްފާޟިލް ޙުސައިން ޢަލީ އާއި އައްޝައިޚް ޙުސައިން ވަޙީދުގެ ހަނދާން ތަކުން އަދިވެސް ތިރަށުގައި ހަރުދަނާ ދަރީންތަކެއް އުފެދި ދިޔުމުގެ އުއްމީދު ބޮޑުވެގެން ދެއެވެ. މިއަދު ކުމުންދޫ މަދަރުސާއަށް 60 އަހަރު ފުރޭއިރު އަޅުގަނޑު ކިތަންމެ ދުރުގައި ހުރިކަމުގައި ވިޔަސް ކަމުގެ އުފަލުގައި ހިތުގެ އަޑިން ބައިވެރިވަމެވެ. ކުމުންދޫއަށް ޚާއްޞަކޮށް ކުމުންދޫ މަދަރުސާއަށްލިބޭ ކޮންމެ ކުރިއެރުމަކީ އަޅުގަނޑު އުފާކުރާ ކަމެކެވެ. މި އުފާވެރި އަހަރީ މުނާސަބަތުގައި މަދަރުސާގެ މިއަދުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް މުދައްރިސުންނަށާއި މަދަރުސާގެ ވެރިންނަށް މުބާރިކުބާދު ރައްދުކުރަމެވެ.

މުސްކުޅި ރަޙްމަތްތެރިއެއްގެ ގޮތުން ދަރިވަރުންނަށް ގޮވާލަނީ ފާހަކަށްވުރެ ބޮޑަށް މީހަކަށް ވުމަށެވެ. ކޮންމެ ދަރިވަރަކީވެސް ކުރިމަގުގައި ކޮންމެވެސް މަސައްކަތެއްގެ ހުނަރުވެރިއަކަށް ވުމަށެވެ. ބެލެނިވެރިން ދަރިންނަށްދެވޭ ތަޢުލީމަކީ ތަރުބިއްޔަތާއިއެކު ދެވޭއެއްޗަކަށް ހެދޭތޯ ބެލުމަށް ދަންނަވާލަމެވެ. ދުވަސްވީ މުދައްރިސެއްގެ ގޮތުން ދެންނެވޭނީ މުދައްރިސެއްގެ އެއްމެބޮޑު ކާމިޔާބީ އަކަށްވަނީ ދަރިވަރުން ކުރިމަގުގައި ހަރުދަނާ މީހުންގެ ގޮތުގައި ފެނުމެވެ.

އަލްފާޟިލް މުޙައްމަދު އާދަމްގެ ހިންގުންތެރި ވެރިކަމުގެ ދަށުގައި ކުމުންދޫ މަދަރުސާއަށް އަޅުގަނޑު އެދެނީ ވާދަވެރި ކުރިއެރުމެކެވެ. ހުރިހާވެސް ފަހިކަމަކާ ފާގަތި ކަމެކެވެ.

 

އަހަރީދުވަސް އަހަރީދުވަސް ހަނދާންތައް އައުވެދާ މިދުވަސް

މިހުރީ ގަތާގުލްހާރުތައް ޒަމާންތައްގެނަކަމަކު މިދުވަސް

 

ނޯޓް: މިއީ 2 މާޗް 2008 ގައި ކުމުންދޫ ސްކޫލަށް 60 އަހަރުފުރުން ފާހަގަ ކުރުމުގެގޮތުން ނެރުނު އަރުތަ މަޖައްލާއިން ނަގާފައިވާ ލިޔުމެކެވެ.