ކުމުންދޫ ސްކޫލް

މޫސާ ޙަސަން- މަލަސް، ހދ.ކުމުންދޫ

އަހަރެންނަކީ މަތިވެރި ބިނާ އަގުހުރި ކުމުންދޫ މަދަރުސާ

                             އަހަރެން ކިޔައިދޭ  މީ މަގޭ ޑައިރީ   ކުމުންދޫ މަދަރުސާ

           *********************************************

އިލްމީ ހިޔާ ފަތުރާލަދިން ލޮބުވެތި ކުމުންދޫ މަދަރުސާ

                             ހިލްމާ ހުނަރު އެކިގޮތްގޮތުން  ފޯރުވި  ކުމުންދޫ މަދަރުސާ

ފާއިތުވެދިޔަ މާޒީތެރޭން ދިގުމުއްދަތެއް ހޭހަންކުރީ

                             ސާބިތުކަމާއެކުގައި ކުމުންދޫއަށް   ދިރުން ދިން މަދަރުސާ

“ދޮށިބޭ އަލީ” އެޅި ތަރަހައިން ކުރިލާ ނިކަން ތާޒާކުރީ

                             ދޮށި އުމުރު އެތަކެއް ބޭފުޅުން ކިޔަވާ ނިކުތް މީ މަދަރުސާ

އެއިރުގެ އެދުރު އެ “މުދިމުއަލީ” އެދުރެއްގެ ދައުރު އަދާކުރީ

                             އެއިރުގަ ރަށުގެ މާލިއްޔަތުން ދެވެނީ މުސާރަ މި މަދަރުސާ

އެޒަމާނުގައި މަސްބައި ދެމުން ދެންވެސް ބޮލިއްސަ ހަކުރުދެމުން

                             މިޒަމާން ގެނައި ބަދަލާމެދަށް ވިސްނާށެ އެދިގެން މަދަރުސާ

ވަގުތަށް ޤަދަރުކުރުމާ އެކީ ކިޔަވައި އެދެއްވެވި “ޢީސަބޭ”

                             މަގު ދެއްކެވީ ފަންނީ ރޮނގުން އަގުހުރި ކުމުންދޫ މަދަރުސާ

ނައިފަރު މުޙައްމަދު ޒަކަރިޔާ ވާދައިގެ ރޫޙެއް ގެންނަވާ

                             ބައިތައް އުފެއްދެވި ޝައުޤުގައި ކުރިއެރުވުމަށް ފަހިމަދަރުސާ

ރަށުގައި އެއިރު ހުރި ރަށުއޮފީހުން ކާތިބުންނާ އަދި ކަތީބު

                             ފަރުވާބަހައްޓައިގެން ދުރުވެ  ގަޑިތައް ނަގައިދިން މަދަރުސާ

މީހުން ޤަދަރުކުރި ބޭފުޅުން ގަޑިތައް ނަގައިދެއްވެވިކަމޭ

                             ދޭހުން މިއަދު  ފާހަގަކުރަން ލިބުނީ   ކުމުންދޫ މަދަރުސާ

އެތަކެއް ޒަމާން ވަންދެން މިތާ ޚިދުމަތްކުރެއްވި “ޙަސަން ޢަލީ”

                             ހިތަކުން ފިލައި ނުމެދާނެޔޭ ހިތުގައި ޤަދަރު ދިން މަދަރުސާ

ޢުމުރާ ގުޅޭ އެކި ގިންތިއަށް އެކި އެކި ގުރޭޑު އުފައްދަވާ

                             އުއްމީދު ކުރި އެ “ވަޙީދުބޭ”  ރޯޝަންކުރީތީ   މަދަރުސާ

އިނގިރޭސި ބަސް ކިޔަވާ ހިތުން ތިބި ދަރިވަރުން ހިނިތުންކުރީ

                             އެނގުމުންނެ “ސީދީބޭ” ނިކަން އުފަލުންވަޑައިގަތް މަދަރުސާ

“މަކުތަބު ކުމުންދޫ” ނަން ކިޔޭ ފާއިތުވެ ދިޔަ މާޒީތެރޭ

                             އަކުރާ ނަމަށް އެކިބަދަލުތައް އައިސްފައިވެޔޭ އަދު މަދަރުސާ

އެކިއެކި ހުނަރު ހުރި ޓީޗަރުން ގިނައޭ މިއަދު އިސްކޫލުގައި

                             ވަކިވަކި އެތައް ހަރަކާތްތަކެއް  ފާހަގަކުރާ   މީ މަދަރުސާ

ވަނަތައް ވަނީ ހާސިލުވެފައި އެކިގޮތްގޮތުން ތާރީޚުގައި

                             ތަނަވަސްކަމާއެކު ރޭހުގައި     ކުރިހޯދަމުންދާ  މަދަރުސާ

އަހަރީގޮތުން އަށުހައްޓި ފުރި މަޤުބޫލުތަނަކަށްވީ ހިނދުން

                             ފަހަތުން އަރާ  ކުރިހޯދަމުންދާ މީ    ކުމުންދޫ މަދަރުސާ

*****************************************

ޢިބުރަތް ކަތުން ހާސިލުކުރޭ އަހަރެންގެ ޑައިރީ އިއްވުމުން

                            ލިބުމާއެކީ ފުރުސަތު ސަފުން  ފަހިކޮށް  ކުމުންދޫ މަދަރުސާ

________________

2 މާޗު 2016