މީވެސް ޒުވާބެއް
ލިޔުނި: މުޙައްމަދު އާދަމް ސޯމާ ހދ.ކުމުންދޫ، މޫސާ ޙަސަން މަލަސް ހދ.ކުމުންދޫ
ބައިވެރިން:
– މުދިންބޭ (ކާސިންބޭ – ފަންޑިތަވެރިންގެ މުއްލާ)
– މުދިންބޭގެ އެހީތެރިއެއް
– މަނިކު (ފަންޑިތަ ވެރިޔާގެ ގާތަށް ގެންދިޔަ ބަލިމީހާ (އެޕެންޑިކްސްގައިރިއްސުމުގެބަލި)
– ދަލޭކަ ( މަނިކުގެ މަންމަ)
– އަޙްމަދު ( މަނިކުގެ ބައްޕަ)
– ޑަކުޓަރު
– ނަރުސް (ނިހާ)
– ހައްޖަ (ޑަކުޓަރުގެ ގާތަށް ގެންދިޔަ ބަލިމީހާ)
– ސަންފަ (ޑަކުޓަރު ގާތަށްގެންދިޔަ ބަލިމީހާގެ މަންމަ)
މަންޒަރު ފެށޭއިރު ސްޓޭޖުގެ އެއްކޮޅުގައި ފަންޑިތައާއި ދިވެހިބޭސް ހަދާބަޔަކު ތެޅިތެޅި އޮތްމީހަކަށް ފަންޑިތައާއި ބޭހުން ޝިފާލިބޭތޯ ބަލަމުންދާނެއެވެ. ބަލިމީހާ އޮންނާނީ ތެޅިތެޅިއެވެ. ބަލިމީހާ ހިފެހެއްޓުމުގައި ދެމީހުން ތިބޭނެއެވެ. ސްޓޭޖުގެ އަނެއްކޮޅުގައި ޑަކުޓަރަކާއި ނަރުހަކު ބަލިމީހަކަށް ފަރުވާ ކުރަމުންދާނެއެވެ. އޭނާ ގާތުގައި އެހީތެރިވާން އޭނާގެ މަންމަ ހުންނާނެއެވެ.
މުދިންބޭ: (ބަލިމީހާގެ ގާތުގައި ހުރެ ބޮލުގައި ރުމާ އައްސަމުން)
އަހަންމަދުބޭ ނިކަން އަވަހަށް ގެނެސްދީ ދުންކިބާ މިތަނަށް
މިހެން ތިއްބާ ވަގުތު މިދަނީ އަވަސްކޮށްލަން އުޅޭ އެންމެން
މުދިންބޭ: (ހާސްވެ ކަންބޮޑުވެފައި)
މިކޮއި ރަނގަޅެއް ނުވޭ އަދިވެސް މިއޮއް ތެޅިފޮޅި ހަލާކުވަނީ
ނިކަން އަވަހަށް ގެނޭ ފެންކުރައަކާ ލޯވައްޓަކާ މިތަނަށް
ދަލޭކަ: (އިނގިލީގައި ދައިގަންނަމުން)
އަނހާ! ސަހަރޯ ހަނދާނެއްނެތް ބުނަން ގެންނާކަށެއް އޮޑިހަނު
މުދިންބޭ: (އަހުމަދުގެ ކޮނޑުގައި ޖަހާލަމުން) އެކަން ހައްވާފުޅަށް އަންގާލަދީފައި އައިސްބަލާ އަހުމަދު
ޑަކުޓަރު: ( ހުންބަލާކަށިގަނޑު ކިހިލިފަތްދޮށަށް ލައްވާފައި އިރުކޮޅެއްވުމުން)
މިއޮތީ ވަރަށް ހުންގަދަވެފައި ނަސީބެއް އަވަހަށް ގެނައިކަން
އައިވީ ގުޅާލާ ބޭސް ދިނީމާ ރަނގަޅުވާނެ ކަމަށް ފެނޭ
ދިޔާއެއްޗެތި ގިނައިން ދީފާ މިބޭސް ކާންދީ ހަދާ ސަންފާ
ނިހާ، އަވަހަށްއުޅޭ ފިނިކޮށް ލެވޭތޯ ހައްޖަ ހަށިގަނޑު ދެން
މުދިންބޭ: (މަނިކުގެ ބޮލަށް ފެން ވިއްސަން ހުރެފައި )
ކޮބައި ގެންނަން މަ ބުނި އުނިމާ މިކޮއި ރޮއިރޮއި މިގިސްލެވުނީ
ކުރާކަމަކުން ލުޔެއް ނުލިބޭ ގެނެސްބަލަ ކަށިމަލެއް ނުފޮޅޭ
ޑަކުޓަރު: (މުދިންބެ ދެކެ ރުޅިއައިސް އަތް އުކަމުން)
މުދިންބޭ ތިޔަގޮތަށް މީހުންގެ ބޯކައިގެން އުޅެންތަ ކަލޭ
ތިހެން ކަންތައް ތިކުރަނީ ހަމަތެދެއް ރަނގަޅެއް ނުވާނެ އިނގޭ
ނަރުސް: (މުދިންބެ ދެކެ ރުޅިއައސްފައި)
ކަލޭނޭ ހެޔޮނުވާނެ އިނގޭ! ތި ތަށި މެތުރުންވި ހުއްޓާލާން
ދަލޭކަގެ ހަގުކޮޔަށް ވީގޮތް މިރަށު އެންމެން ހަނދާން މިކުރޭ
ޑަކުޓަރު: ތިހެން ފަންވަތް އަޅާފައިއޮތް މުލައްދަނޑިއާއި ކުޑަހުޅުގައި
ތިހެން ދެލިގަލަމަކުން ލިޔެގެން ދެލީން ޝަރުބަތު ދިނީ ބޯންވެސް
ނަރުސް : (ހައްޖަގެ ބޮލުގައި ފިރުމާލާފައި މުދިންބެއާ ދިމާއަށް ބަލައިލާފައި)
ބަލާބަލަ ހައްޖަ މިއޮތީ ހަމަ ނުހަނު އަވަހަށް ޝިފާ ލިބިފައި
ސަލާމަތްވީ އެހާއަވަހަށް މިހެން ފަރުވާ ކުރަން ފެށުމުން
ސަންފަ: (ހައްޖަ ގާތުގައި ހުރެފައި)
ހޮޑުވެސް ލެވުނު ހަމަ ހައްޖައަށް ރޭގައި ބޮލަށް ތަދުވާން ފެށީ
ބަނޑުގޯސްވެގެން ގެނައީ ހެނދުނު އެވަގުތު ނުހަނު ވަރުދެރަވުމުން
މުދިންބޭ: (ޑަކުޓަރުދެކެ ރުޅިއައިސްފައި)
އިންޖެކުޝަނެއް ޖަހާފައި ބޭސް ބޮނޑިވަރެއް ދިނީމަ
އިންސާނުނަށް ލިބޭ ބޮޑު ގެއްލުން ކަލޭ ނުދަންނަމުތަ؟
ޑަކުޓަރު: (ރުޅިއައިސް ފައި)
ފަންވަތް ލިޔެގެން ތަށިމަތުރައި ފެންނެތްހާ ބޮޑު ކާށި ބިނަސް
ފަންޑިތަ ހެދިޔަސް ރަނގަޅު ނުވޭ މަނިކު ތިއޮއް ހަމަ ތެޅި ފޮޅެނީ
މުދިންބޭ: (އަތްއުކަމުން – ރައިވަރު ކިޔާރާގުގައި)
މިކަމަށް ހަނގާކުރޭ
މިކަމެއް ނުހުއްޓާނަމޭ
މިކަމާ ބެހޭނޭ ކަލޭ
މިކަމާ ތިހާ ދެރަނުވޭ
މިކަމާ ހިތާމަކުރަން ދޯ
އެކަމަކު ލާރި ލިބޭ ދޯ
ޑަކުޓަރު: (ހަރަކާތްކުރަމުން – ރައިވަރު ކިޔާ ރާގުގައި)
ނާ ތެދެއް ކާސިމާ
ވާނެހޭ ދެރަ އަދުއަނާ
އާދެ ވިޔަކަސް އަދުބޮޑާ
ދާނެޔޭ އެނގި ތެދުބަހާ
ދާނެހެން ހިޔެއްނުވޭ ދެން
ވާނެގޮތެއް ނެތޭ ދެން
ދަލޭކަ: (ހާސްވެފައި – ބަނދި ކިޔާ ރާގުގައި)
އަވަސްކުރޭ އަވަސްކުރޭ
ކާސިންބޭ އަވަސްކުރޭ
އެކޮއި މިއޮއް ކަޅިއަރަނީ
ހަރަކާތްވެސް ހުއްޓެނީ
ދެލޯފުޅާ އެކޮއި ނެތޭ
ނޭވާވެސް ހުއްޓުނީ
ނަރުސް: (ދަލޭކައާ ދިމާއަށް އަތްއުކަމުން – ކާ ކިޔާ ރާގުގައި)
ކަލޭމެން ބަލަ ތިޔަތިބީ
ކަލޭނޭ ބުނި ބަސްމަތީ
ދަލޭކާ ހަމަ ތިޔަ ހުރީ
ކަލޭ ގޮތްދޫ ނުކުރަނީ
އަހުމަދު : (މަނިކުގެ އަތް ހިއްލާލައި ތަޅުވާލުން އަދި ލޮލުގެ ކަޅިބަލައިލުން އަދި ވިންދު ބަލައިލާފައި)
ކޮއި މިއޮތީ ނިޔާވެފައި ކަލޭމެނަށް ނުވެސް އެނގޭ
މިކަންތަކުން ކަމެއް ނުވޭ ޝިފާ ލިބޭ ގޮތެއް ނުވޭ
އަހުމަދު: (ދަރިފުޅު ނިޔާވުމުން ރޮއިގެންފައި – ލަވަކިޔާރާގުގައި. ރާގު: ބުނެބަލާ ލޯބިވޭ ބުނެބަލާ…)
ދަރިފުޅާ! ލޯބިވާ ދަރިފުޅާ! ދަރިފުޅާ! ލޯބިވާ ދަރިފުޅާ!
ހާދަހާ ލޯބިވީމޭ މަންމައާ ބައްޕައާ ޢާއިލާ އެކަނިކޮށްފާ ބައްޕައާ ވަކިވަނީހޭ
ދަލޭކަ: ( ރޮއިގެންފައި – ލަވަކިޔާރާގުގައި. ރާގު: ނެތުނީހޭ މިއަދު ބޭނުން…)
އޫނ! (ރުއިން) ލިބުނީއޭ މިއަދު ކެކުޅުން ފަންޑިތައަށް ހެއްލުނީމާ
މިކަމާ ހިތާމަކުރަމުން އުމުރަށް އުޅެން ޖެހިއްޖޭ.
ލިބުނީއޭ މިއަދު ކެކުޅުން އޫނ … (ގިސްލުން)
ދަލޭކަ: (މުދިންބެ ގާތަށް ގޮސް ހުއްޓިފައި – ލަވަކިޔާ ރާގުގައި. ރާގު: ބުނެބަލަ ލަދުގަނެފާ އެރޭ…)
އޭބަލަ ފޮނިބޮޑު ކާސިންބޭ ކަލޭގެ ބަހަށް އަންނާނޭހޭ
މޫނު ކަލޭގެ ދެކޭކަށެއް ހިލާ މަނެތިން ވިސްނާލާށޭ
މުދިންބެ: (ދެރަވާކަން އިޝާރާތުން ދައްކަމުން ލަވަކިޔާރާގުގައި – ރާގު : ނުނިމޭނެ ކުރާ މިހިތާމައެއް…)
” ނުނިމޭނެ ކުރާ މިހިތާމައެއް ދުނިޔޭގަ މިދިރި ހުރިހާ ހިނދުގާ ”
ހަނގުރާމައެކޭ މީ ހަމަ ޔަގީން ފަންޑިތަ ހަދަން އުޅުމީ ބުނަން
އަހަރެންނަށް އަދު ދެން މާފުކުރޭ “ދުނިޔޭގަ މިދިރި ހުރިހާ ހިނދުގާ”
ނަރުސް : (ލަވަކިޔާރާގުގައި – ރާގު: ނުވާނަމަ ޢިޝްޤު ދުނިޔޭގައި…)
ހިތާމަތަކެއް ތިހެން ލިބުނީ ކުރިން ވިސްނާ ނުލެވުނީމާ
މިތާފަރުވާ ދެވެން ހުރިއިރު މިފަރުވާވެސް ނުހޯދީމާ
ޑަކުޓަރު ،ނަރުސް އަދި ސަންފަ : (މުދިންބެއާ ދިމާއަށް އަތްއުކަމުން – ލަވަކިޔާ ރާގުގައި. ރާގު: ހިތްބޭނުމޭ ދުލުން މިވާލޯބި ކިޔާލަދޭން ….)
ހިތްމޮޅު ކަމާއެކީ ހާހުރަ ހަދާގޮތުން
ޝިފާއެއް ނުލިބި ތިހެން ނިމިދަނީ މިދުނިޔެއިން
ތަށިވެސް ލިޔާނޭ ބޯންދީ ހަދާނޭ
އެހެނަސް އެނގޭހޭ ދުނިޔޭން ދަނީ މިހެން
ނޯޓް: މިއީ 2 މާޗް 2008 ގައި ކުމުންދޫ ސްކޫލަށް 60 އަހަރުފުރުން ފާހަގަ ކުރުމުގެގޮތުން ނެރުނު އަރުތަ މަޖައްލާއިން ނަގާފައިވާ ލިޔުމެކެވެ.