ފޯނުކޯލު

ލިޔުނި: މޫސާ ޙަސަން ، މަލަސް ހދ.ކުމުންދޫ

ބައިވެރިން:

– ހައްވަ

– ހަސަނު

– ދަރިފުޅު (ފިރިހެން)

– ދަރިފުޅު (އަންހެން)

– 2 ފުލުހުން

– ރަޙްމަތްތެރިއެއް (އަންހެން)

 

  • މަންޒަރު ފެށިގެން ދާއިރު ފެންނާނީ ގޭތެރެގެ މާޙައުލެވެ. ހަސަނު އޮންނާނީ ޖޯއްޔެއްގައި ގިޓާކުޅެލަ ކުޅެލައެވެ. ހައްވަ އިންނާނީ ހަނޑޫ ހޮވާށެވެ.

 

ހައްވަ: (ހަނޑޫ ހޮވަން އިނދެފައި)

ހަސަނާ ބުނަން އެ ސޮރަށް ގިރާ ކިރުދަޅު ހުރީވެސް ހުސްވެފައި

މިމަހުގަ ލިބުނު ފައިސާކޮޅުން މަދު އެތިކޮޅެއް މިވަގުތު ހުރީ

އަހަރެން ދަނީއެ ފިހާރައަށް ގޭގައި އިހަށް މަޑުކޮށްލަދީ

މިޒަމާނުގައި  މަގުފޭރުމާ  ވައްކަން ކުރުން  މީ  ބޮޑުކަމެއް

 

ހަސަނު: )ލަވަކިޔާރާގުގައި. ރާގު: މަންޖެ ބުނެދީ އޭ މަންޖެ ބުނެދީ…)

ހައްވާ ގަނެދީ ދޮންހައްވަ ގަނެދީ

ހައްވާ ގަނެދީ ސިގިރޭޓް ގަނެދީ

ސިގިރޭޓުފޮށްޓެއް ނެތީމާ

ބޯގޮވައްޖޭ ގޭގާ އޮތުމުން

ބޯގޮވައްޖޭ ގޭގާ އޮތުމުން

 

ހައްވަ: (ރައިވަރުކިޔާ ރާގުގައި)

އޭ ބަލަ ދޮން ހަސަނާ

ހޭބަލިވީތަ   ސާހިބާ

ސާބަހޭ ތިޔަ  ބަލީގާ

ނާބަލަގަ ތިޔަ އޮތީތާ

ހާދަވަރެކޭ ތިހުރީ ދޯ

ހާދަހާ މޮޔައޭ   ދޯ

 

– ރަޙުމަތްތެރިޔާ އައިސްވަނުން.

ރަޙުމަތްތެރިޔާ:  ބުނަން ހައްވާ (މިހިސާބުން ހައްވަ ރުޅިއައިސް ތުން އަނބުރާލާފައި ނިކުމެގެން ދިޔުން)

ބުނަން ހަސަނާ ޒުވާބުކުރުން އެއީ މާމޮޅު ކަމެއް ނޫން

މިހެން މިބުނީ މަގޭ މީ ހެޔޮއެދޭ ރައްޓެއްސަކަށް ވީތީ

 

ހަސަނު: (ލަވަކިޔާ ރާގުގައި – ރާގު: ބުނަމޭ ހައޭ ބުނަމޭ…)

ބުނަމޭ ހައޭ ބުނަމޭ

ކަލޭގެ ނަސޭހަތުން މަގޭ މި ހިލަ ހިތަށް ކުރާނެ އަސަރެއް ނެތީއޭ ބުނަމޭ

 

(މިހިސާބުން ހައްވަ ހިކިކިރު ދަޅަކާއި ބައެއްތަކެތި ހުރިކޮތަޅެއް ހިފައިގެން އައިސް ވަނުން. އަދި ރަޙުމަތްތެރިޔާ ނިކުމެގެން ދިއުން.)

 

ހައްވަ:  (ސިގިރޭޓު ދިއްކޮށްލަމުން)

ލިބުނީ މަށަށް ހަމަ އެންމެ ސިގިރޭޓެއް ހަސަނު އެއްޗިހި ކިޔަސް

މިބުނީ  ތެދެއް  ހަސަނާ  ކަލޭ ދޭބަލަ  ވަޒީފާ ހޯދުމަށް

އަހަރެން ގުލާންކޮށްގެން  މިހެން ހޯދާ މި މަދު ފައިސާކޮޅުން

ބަލަ ތިޔަ ގޮތަށް ސިގިރޭޓު ބޯށޭ ހަސަނު ތިޔަބޭނުންވަނީ

 

(މިހިސާބުން ފިރިހެން ދަރިފުޅު ސުކޫލުން އައިސް ގެއަށް ވަނުން.)

 

ހަސަނު:  ދަރިފުޅާ ދޭބަލަ ނިކަން އަވަހަށް ފިހާރައަކަށް އިނގޭ

ބައްޕައަށް  ސިގިރޭޓު  ފޮށްޓެއް  ނުލިބެނީސް  ނުނިދޭނެޔޭ

ހައްވަ:   ކަލޭ އެސޮރު ގޯސްތިކުރީ އެ ސޮރު ލައްވާ ތިކަންކުރުވާ

ކަލޭނޭ  ތިޔަ އުޅުން ހުއްޓަން  ނުވޭތަ  މަގޭ އާދޭސް ކުރަން

 

(ދަރިފުޅު ސިގިރޭޓު ފޮށި ގަނެގެން އައިސް ވަދެ ސިގިރޭޓު ފޮށި ހަސަނު އަތަށް ދީފައި ދިއުން. އެވަގުތު ފުލުހުންގެ ދެމީހުން އައިސް ވަނުން.)

ފުލުހުންގެ މީހެއް: އަހުމަދުގެ ދަބަސްކޮބާ ދީބަލަ އެ ޗެކުކޮށްލުމަށް

އަހަރެން މިއައި އެކަމަށްޓަކައި އަވަހަށް ގެނެސްބަލަ އެސޮރުވެސް

 

(ފުލުހުންގެ މީހަކު ދަބަސްޗެކުކުރުން އަދި އޭގެތެރެއިން ކުޑަޕެކެޓެއް ނަގައި ވަސްބަލާލުމަށްފަހު)

ފުލުހުންގެ މީހެއް: ކޮބާ މިއޮތީ މީ ހަމަ ޑްރަގު އަހުމަދު ކަލޭ ތިޔަ ގަންނަނީ

ވަބާގައި މިއަދު ދަރިފުޅު މި ޖެހުނީ ދޯ އޭނަ މިގެންދަނީ

(ފުލުހުން ދަރިފުޅު ގޮވައިގެން ދިއުން.)

 

ހައްވަ: (ލަވަކިޔާ ރާގުގައި- ރާގު: ބަރުބާދުވީ ޙަޔާތޭ ޙާސިލްނުވީ މުރާދޭ …)

ބަރުބާދުވީ ޙަޔާތޭ އިސްލާޙުވާން ނުވޭހޭ

ހަސަނާ ތިހެން އުޅޭކަށް ހެޔޮވެސް ނުވާނެ ނޫންހޭ

ބަރުބާދުވީ  ޙަޔާތޭ  (ރޮވިފައި ގިސްލުން)

 

ހަސަނު: (ލަވަކިޔާ ރާގުގައި ރާގު: ބޭކާރު ލޯބިވީމާ ބޭކާރު ޒަޚަމްވީމާ ….)

އަހަރެންގެ ބަސްއަހައިގެން ހެއްލުންވަނީ ކަލޭ ދޯ

އަހަރެންގެ ފޯނުކޯލަށް އާނބަސް ބުނީ ކަލޭ ދޯ

 

 

އަންހެން ދަރިފުޅު ( ލަވަކިޔާ ރާގުގައި – ރާގު: މަންމާ މިދޭ އިޙްތިރާމް …)

މަންމާ މަގޭ އިލްތިމާސް

ކުރަމޭ އެތައް ހާސް ފަށުން

ނުލިބޭނެޔޭ  ހަމަޔަގީން

ބައްޕާގެ ލޯތްބެއް ހަރާމް

 

(އަންހެން ރަޙްމަތްތެރިއެއް އައިސް ގެއަށް ވަނުން)

ރަޙްމަތްތެރިޔާ: (ލަވަކިޔާރާގުގައި – ރާގު: ރޭނިދީގައި ފެނުނު ހުވަފެނެއް ހަނދާންވީތީ …)

ހާދަހާކަމެއް ހަމަ އެބަހިނގާ މިގޭގާ ދޯ

ހާދަ މީހުނެއް ހަމަ އެބަ ކިޔާ މި ވާހަކަ ދޯ

+ + + + + + + + + + + + + + + + + + + + + + + + + + +

އަހަރެންވެސް މިއައީ އެހެންވެ ބަލައިލުމަށް

އަހަރެން މީ ރައްޓެއްސަކަށް ވީތީ ބަލަން

ދެން އެހެންވިޔަސް ކުޑަ ދަރިފުޅަށް ނިކަން ވިސްނާ

އޭނައަށް ލިބޭ ގެއްލުން އެހާމެ ބޮޑުވާނޭ

(ފުލުހުން އައުން.)

ފުލުހުންގެ މީހެއް: ހަސަނާ ކަލޭތީ ޑްރަގު ބޮއި އެކަމުގަ އުޅޭ މީހެއް އިނގޭ

އަވަހަށް ހަސަނު ގެންދިއުމަކީ ބޭނުންކަމެއް އާދޭ ކަލޭ

 

(ފުލުހުން ހަސަނު ގޮވައިގެން ހިނގައިގަތުން)

ހަސަނު: (ލަވަކިޔާ ރާގުގައި – ރާގު: ލޯބިއޮޔާލައި ވަޢުދު އުވާލައި ކުރިހުވައާ އިގުރާރު…)

ހިތްދަތިވެއްޖޭ މިއަދު މިވީއޭ  މިކުރި ކުށުން ބަދުނާމު

ހާދަހާ މީ ހިތްދަތި ދުވަހެއް ކުރަމެ ވަދާއު ސަލާމް

 

(ފުލުހުން ހަސަނު ގޮވައިގެން ދިއުން)

ހައްވަ: ( ލަވަކިޔާ ރާގުގައި – ރާގު: ހާދަހާވޭ ކުރާހިތް ސަމާސާ ލޯބި ހީލުންތަކުން…)

ވިސްނުނީ ވަގުތު ފާއިތުވުމުންނޭ ގިސްލަގިސްލާ ރޮވޭގޮތްވުމުންނޭ

ބަލަ ދެކޭށޭ ނިކަން އޭނަގެ ފޮނިކަން

އޭނަ ހުރި ހިޔަޅުކަން ވިސްނޭ މޮޔަކަން

 

ރަޙްމަތްތެރިޔާ:  ދިރިއުޅުން ފެށުމުގެ ކުރިން ވިސްނާ ފިކުރުކޮށްލަން ޖެހޭ

ކޯލެއް އަޔަސް ގޮތް ނޭނގެނީސް ގުޅުމަށް ނިކަން ވިސްނަން ޖެހޭ

 

ހައްވަ: ލަވަކިޔާ ރާގުގައި. ރާގު: އެހީވޭ ލޯބިވާ މިތުރާ ކެތެއް ދެން ގައިމު ނުވެވޭނޭ …)

ހިތާމައިގާ އުޅެން ޖެހުނީ މިހެން އަހަރެން އުޅެން ޖެހުނީ

އުފާވެރިކަން ކަފުންވެވުމުން  ފުރާނަ މަގޭ ހިނގައި ދާނޭ

މިގޮތަށް މިހެން ދިމާވީ  އަހަރެން ނުވިސްނީމާ

އަހަރެން ނުވިސްނީމާ

އަހަރެން ނުވިސްނީމާ

އާނ!  އަހަރެން ނުވިސްނީމާ

އަހަރެން ނުވިސްނީމާ (ގިސްލުން)

ރަޙްމަތްތެރިޔާ:  މަސްތުވާތަކެތީގެ އަޅަކާ ގުޅުމަކުން އުފަލެއްނެތޭ

ލަސްނުކޮށް ބެލި ހާދިސައިން ޢިބްރަތެއް ޙާސިލްކުރޭ

 

ނޯޓް: މިއީ 2 މާޗް 2008 ގައި ކުމުންދޫ ސްކޫލަށް 60 އަހަރުފުރުން ފާހަގަ ކުރުމުގެގޮތުން ނެރުނު އަރުތަ މަޖައްލާއިން ނަގާފައިވާ ލިޔުމެކެވެ.