އުނގެނޭށެވެ. އުނގަންނައިދޭށެވެ.
ލިޔުނީ: ފާޠިމަތު ނާހިދާ ، އެނބުރޭވިލާ ހދ.ކުމުންދޫ
އިންސާނާ ދުނިޔެއަށް އުފަންވަނީ އެކައްޗެއްވެސްނޭގޭ މަޚުލޫޤެއްގެގޮތުގައެވެ. އެހެންނަމަވެސް އޭނާ ދުނިޔެއަށް އުފަންވާ ފުރަތަމަ ދުވަހުން ފެށިގެން ކަންތައްތައް އުގެނޭން ފަށައެވެ. އަދި އޭނާގެ ވަށައިގެންއުޅޭ އެންމެން އޭނާއަށް އުގަންނައިދޭން ފަށައެވެ. އެކުޑަކުޑަ މަޢުޞޫމް ކުއްޖާގެ ހިތަށް އަރާ އެއްޗެހި ނޭގުނުކަމުގައިވިޔަސް އެކުއްޖާގެ މައިންބަފައިން ރެޔާއިދުވާލު އެކުއްޖާއަށް ހޭހަންކުރަން ތިބެއެވެ. އެކުޑަކުޑަ ދަރިފުޅުގެ މަޑުމަޑު ކޯތާފަތުގައި މަންމަ ފިރުމާލަނީ އުފަލުން ފުރިގެންވާ ހާލުގައެވެ. އެދަރިފުޅު މަޑުމަޑުން ފަރާތްފަރާތަށް އެބުރެން ފަށައެވެ. ބައެއްފަހަރު ރޯން ފަށައެވެ. މަޑުމަޑުން ދިމަދިމާބަލަން ފަށައެވެ. ފިރުކުމުގެ މަރުހަލާ ކަޑައްތުކުރުމަށްފަހު ހިގުމުގެ މަރުޙަލާވެސް ކަޑައްތުކުރަނީ ވަރަށްގިނަކަންތައްތަކެއް ދަސްކުރަމުންނެވެ.
މިހާހިސާބުން އުފެދޭ ސުވާލަކީ “ދުނިޔޭގައިވާ އެންމެބުރަ އަދި އެންމެއުނދަގޫ ކަމަކީ ކޮބައިބާވައެވެ؟” އާދެހެވެ! އެއީ އުނގެނުމާއި އުނގަންނައިދިނުން ކަމާމެދަކު އެއްވެސް ޝައްކެއްނެތެވެ.
ކޮންމެ މަންމައަކީ އެދުރެކެވެ. ސަބަބަކީ ކުއްޖަކު ތަރުބިއްޔަތުކުރުމުގެ ހުރިހާ އުކުޅުތަކެއް ލިބިފައިވާތީއެވެ. ހެޔޮކަންތަކާއި ނުބައިކަންތައްތައްވެސް ބުނެދެނީމަންމައެވެ. ކުރަންވީ ކަންތަކާއި ނުކުރަންވީކަންތައް ބުނެދެނީވެސް މަންމައެވެ. މީހުންބުނެއެވެ. ރަންމެޑެއްޔާއި ރިހިމެޑެއްޔާއި އަދި ލޯ މެޑެލްވެސް ލިބެންވީ މަންމައަށެވެ.
މަންމައަށްފަހު ކުއްޖާއާއި ހިނިތުންވެފައިވާ މޫނަކާއެކު ބައްދަލުކުރަނީ މުދައްރިސެވެ. މުދައްރިސުންނަކީ ވަރަށް ޒިންމާބޮޑުބައެކެވެ. އަދި އެހާމެ ބުރަކޮށް އުޅެންޖެހިފައިވާ ބައެއްވެސް މެއެވެ. ތަފާތު ފޮތްތައްކިޔާ ހަދަންޖެހެއެވެ. ފިލާވަޅަށް ތައްޔާރުވާން ޖެހެއެވެ. ފިލާވަޅަށް ބޭނުންވާ އިތުރުއެހީ ހޯދަންޖެހެއެވެ. ކުދިން ޝައުޤުވެރިވާނީ ކޮންގޮތަކަށް ފިލާވަޅު ގެންދިޔައީމާތޯވެސް ވިސްނާ ދިރާސާކުރަންޖެހެއެވެ. އަދި ކުދިންނަށް ބުނެދޭންއުޅޭ އެއްޗެއް އެންމެ ފަސޭހައިން ނަގައިގަނެވޭނެގޮތަކީ ކޮބައިތޯވެސް ބަލަންޖެހެއެވެ. އަދި ތަފާތު އުކުޅުތައް އުގެނޭންޖެހެއެވެ.
ދެން އޮތީ ކުދިންގެރޯލެވެ. ކިޔެވުމުގެ މަރުހަލާގައި ތަފާތުމިޒާޖުގެ ކުދިންނާ އަދި މުދައްރިސުންނާވެސް ބައްދަލުވެއެވެ. ކޮންމެމީހަކީ ތަފާތު މީހެކެވެ. ކުލާހެއްގެ ތެރޭގައި ތިބެނީ އެކިފެންވަރުގެ ކުދިންނެވެ. ބައެއްކުދިންނަށް ބައެއްފިލާވަޅުތައް އުނދަގޫވެއެވެ. ކިޔާކިޔާވެސް ދަހެއް ނުވެއެވެ. މިމައްސަލަ ހައްލުކުރާނީ ކިހިނެއްބާއެވެ؟ ފިލާވަޅު ދަސްކުރަން އެންމެ ފަސޭހަ ގޮތަކީ ކޮބައިބާއެވެ؟ މީކޮންމެ ކިޔަވާ ކުއްޖެއްގެ ހިތުގައި އުފެދޭ ސުވާލުތަކެކެވެ.
ދަސްކުރަން އެންމެފަސޭހަވާނީ މުދައްރިސް ފިލާވަޅު ކިޔާދޭވަގުތު ކަނުލާ އަޑުއަހައިގެންނެވެ. މުދައްރިސް ފިލާވަޅު ކިޔާދޭވަގުތު ކުރުނޯޓް ނެގުމަކީވެސް ވަރަށް މުހިންމުކަމެކެވެ. ސަބަބަކީ އޭރުން ފަހުން ބަލާލަން އެ އޮންނާނެތީއެވެ. އަދި މުދައްރިސް ފިލާވަޅު ކިޔާދެމުންދާއިރު ކުދިން ތިބެންވާނީ ވަރަށް “ކަމާވެގެންނެވެ.” ގިނަގިނައިން ސުވާލު ކުރުމާއި ލިބޭޖަވާބު ހަނދާނުގައި ހަރުލެއްވުމަކީވެސް ވަރަށްބޭނުންތެރި ކަމެކެވެ. އަދި މުދައްރިސް ފިލާވަޅު ނަގާދޭތާ 24 ގަޑިއިރު ހަމަނުވަނީސް ދެވަނަފަހަރަށް ފާހަގަކުރި ނުކުތާތައް ކިޔާލުމަކީ ވަރަށް މުހިންމުކަމެކެވެ.
ކޮންމެމީހަކުވެސް އެމީހަކަށް އެގިފައިވާ އެއްޗެއް އެހެންމީހަކަށް އަންގައިދިނުމަކީ ތިމާއަށް ލިބިފައިވާ ޢިލްމުން އުނިވާ ކަމެއް ނޫނެވެ. އަދި ކޮންމެކަމަކީވެސް ތިމާއެކަމަކަށް ޢަޒުމް ކަނޑައަޅާ އެޢަޒުމުގައި މަސައްކަތްކޮށްފިނަމަ ކާމިޔާބު ވާނެކަމެކެވެ. އެހެންކަމުން މަސައްކަތް ކުރާށެވެ. ކާމިޔާބުވާނެއެވެ. އުނގެނޭށެވެ. އަދި އުނގަންނައިދޭށެވެ.
ނޯޓް: މިއީ 2 މާޗް 2008 ގައި ކުމުންދޫ ސްކޫލަށް 60 އަހަރުފުރުން ފާހަގަ ކުރުމުގެގޮތުން ނެރުނު އަރުތަ މަޖައްލާއިން ނަގާފައިވާ ލިޔުމެކެވެ.