ކަލާއަށް މިހާރު އަހަރެން ނުފެންނަނީހެއްޔެވެ؟
މޫސާ ޙަސަން- މަލަސް / ކުމުންދޫ
ހާދަހާ ދެރައެއްވެޔޭ ހަމަ ފެންނަކަމަކަށް ނަހަދަޔޭ
އާދަކޮށް ކައިރިންދިޔަސް އަމުދުންބަލައިވެސް ނުމެލަޔޭ
އޭރު ތިޔަ ހިތުގައި މަޤާމެއްދީ ޝަރަފުވެރިކަންދިނަސް
ބޭރުކޮށްލީމާ މިއަދު ކެކުޅުން ހިތަށް ލިބެމުން ދެޔޭ
ވޭންތަކެއް އަޅައޭ ތިބާ ފެނުނަސް ތިއައި ބަދަލާމެދަށް
ހޭއަރާ ވިސްނާނެނަމައޭ ހިތްއަބަދު ބުނަމުން ދެޔޭ
ލޯބިލޯބިން ސަޖިދަކޮށް ހެދިޔަސް އެހާރު މި އުނގުމަތީ
ހޯލިކޮޅަކަށް ނުހަނު ދެރަ އަދުވެއްޖެހެން އެބަ ހީވެޔޭ
ތިޔަދުލުން ތަކުރާރުކޮށްކީ ފޮނި ސަނާ ތަސްބީޙަތައް
މިއަދުވެސް ކަންފަތުތެރަށް އޮހޮރެން ނިކަންބޭނުންވެޔޭ
ހަހަރުވަތަމުން ކުރިޠަވާފުން ލައްޒަތެއް ލިބިފައިވިޔަސް
އަހުރަވެތިކަންނެތި ހިތަށް ޚަންޖަރު ހެރީމާ ދެރަވެޔޭ
ހަމަ އިޝާރާތެއްކުރޭތޯ އޭރުބެލިގޮތް ހަނދުމަނެތި
ކަމަކަށެއް ނުވިތާ! ބިޒީއޭ ބުނެލުމުން ހިތްމަރުވެޔޭ
ކާކުހޭ؟ ވަސްވާސް ދިނީ ފޮނިލޯބިދިން ތިޔަ މަޑުހިތަށް
މާކުތައް ހިތުގައިޖަހައި ހުންނަންވުމުން މޮޅިވެސްވެޔޭ
ވަގުތުތައް ހޭދަވި ގޮތާ ފަސްވަގުތު ގާތަށްއައިގޮތާ
އަގުވަޒަންނުކުރުން އެއީ، ވޭނާއި ގިލަނަށް ވެއްޖެޔޭ
ބޯދެމުން ބަލަމޭ ކަލާ ފެނިދާނެތޯ މީހުންތެރޭން
ރޯދަމަސް ދިޔުމާއެކީގައި ހާދަހާ ވަގުވެއްޖެޔޭ
އުޑުދަށުން އަހަރެންގެ ލޯ ދެކިލަން ކަލާ ބޭނުންނެތަސް
ކޮނޑުތަކާއަތްދަނޑިމަތިން މިއުނގަށް ތިބާ ގެންނާނެޔޭ
********
26 ޖޫން 2017