ގެއްލިއްޖެ ވަގުތަކީ އަނބުރާ ލިބޭނެ އެއްޗެއް ނޫނެވެ.

 ޢާއިޝަތު އާދަމް، ބާނި ހ.ދ.ކުމުންދޫ

 

ވަގުތަކީ ވަރަށް މުހިއްމު އެއްޗެކެވެ. ކޮންމެކަމަކަށްވެސް ވަކި ވަގުތެއް ކަނޑައެޅިފައިވެއެވެ. މިހެންމިކަން އޮތްއިރު އެންމެ މުހިއްމުކަމަކީ ވަގުތުގެބޭނުން ރަނގަޅު ގޮތުގައި ހިފުމެވެ. ކޮންމެވަގުތަކީވެސް ފައިދާ ހުރި ރަގަޅު ވަގުތަކަށް ހެދޭތޯބަލާށެވެ. ވަގުތުގެ ބޭނުން ރަގަޅު ގޮތުގައި ނުހިފިއްޖެނަމަ، ވަރަށް ކުދި އަދި ވަރަށް ބޮޑެތި ގެއްލުންތައްވެސް ކުރިމަތިވުމަކީ ވަރަށް ގާތުގައި ވާކަމެކެވެ. އާދެ! މިކަންކުރުމުގައި ވަކިމީހަކު އިސްތިސްނާއެއްނުވެއެވެ. މިއީ އެންމެންގެ ޒިންމާއެކެވެ.

ކިޔަވާކުއްޖެއްނަމަ އެކުއްޖެއްގެ ކިޔެވުމުގެ ދުވަސްވަރަކީ ވަރަށް މުހިއްމު ދުވަސް ވަރެއްކަން ހަނދާން ކުރަން ވާނެއެވެ. ވީމާ، ދަރިވަރަކު ނަމަ ކިޔެވުމަށާއި  އެހެނިހެން ކަންތައްތައް ކުރުމުގައިވެސް ވަކިގޮތަކަށް ވަގުތުތައް ބަހާލައިގެން ކަންތައްތައް ކުރުމަކީ ދަރިވަރަށް ފައިދާކުރަނިވި ރަގަޅުކަމަކަށް ވެގެންދާނެއެވެ. ނަމަވެސް މިގޮތަށް ކަންތައްތައް ކުރުމުގައި ފަރުވާކުޑަވެ، އެކަމެއްގެ ވަގުތުގައި އެކަމެއް ނުކުރެވިއްޖެނަމަ، އެކަމުގެ ނޭދެވޭ އަސަރު އެދަރި ވަރަކަށް ކުރާނެއެވެ.

އޮފީހެއްގައި އުޅޭ މީހެއްނަމަ ވަގުތަށް އޮފީހަށް ޙާޒިރުވުމަކީ ވަރަށް މުހިއްމުކަމެކެވެ. މިކަމަށްފަރުވާކުޑަވެ ކޮންމެދުވަހަކު ގަޑިޖެހިގެން ދާންވެއްޖެނަމަ އެއޮފީހުގައި ވަޒީފާ އަދާކުރާ އެހެންމީހުންގެ ޝަކުވާތަކާއި ކުރިމަތިލާންޖެހޭނެއެވެ. އަދި ހަމައެހެންމެ އޮފީހުގެ އިސްވެރިންގެ އިންޒާރުތަކާވެސް ކުރިމަތިލާން ނުޖެހިއެއް ނުދާނެއެވެ. މިހެން ކަންތައް ދިމާވެއްޖެނަމަ، މިއީ ވަރަށް ލަދުވެތިކަމަކަށް ނޫނީނުވާނެއެވެ.

މިކަންތަށް މިގޮތަށް އޮންނަހިނދު، އަހަރެމެން އިސްލާމުން އެންމެ ފުރަތަމަ އިސްކަން ދޭންޖެހޭނީ މާތްﷲ އަހަރެމެންގެ މައްޗަށް ފަރުޟުކުރައްވާފައިވާ ފަސްނަމާދު، އެނަމާދުތަކުގެ ވަގުތުގައި އަދާކުރުމަށެވެ. މިކަމަށް ފަރުވާކުޑަވެ، މިކަން ނުކުރެވިއްޖެނަމަ، ޤިޔާމަތްދުވަހުން ﷲ ސުބުޙާނަހޫވަތަޢާލާ އެކަމުގެފުރިހަމަ ޖަޒާ ދެއްވާނެއެވެ. ނަމަވެސް އެއިރު އޮންނާނީ ވަގުތު ފާއިތުވެފައެވެ. މިކަން އަހަރެމެންނަށް ވަރަށް ރަގަޅަށް ކީރިތި ޤުރްއާނުން އެގެން އެބައޮތެވެ.

މަތީގައި ބަޔާން ކުރެވުނު ކަންތައްތަކުންވެސް ދޭހަވަނީ  ވަގުތުގެ މުހިއްމުކަމެވެ. ވީހިނދު ކޮންމެކަމެއްކުރުމުގައިވެސް ވަގުތުގެބޭނުން ރަގަޅު ގޮތުގައި ހިފާށެވެ. ވަގުތަކީ އެމީހަކު ހޯދުމުން ލިބޭނެއެއްޗެކެވެ. ދަންނާށެވެ! ގެއްލިއްޖެ ވަގުތަކީ އަނބުރާ ލިބޭނެ އެއްޗެއް ނޫނެވެ.

 

ނޯޓް: މިއީ 2 މާޗް 2008 ގައި ކުމުންދޫ ސްކޫލަށް 60 އަހަރުފުރުން ފާހަގަ ކުރުމުގެގޮތުން ނެރުނު އަރުތަ މަޖައްލާއިން ނަގާފައިވާ ލިޔުމެކެވެ.